ފަހެ ތިބާ ލޯބި ވަމުހެއްޔެވެ؟
ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އިންސާނުން ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނަވައި، ރިޒުޤު ދެއްވައި، ބުއްދިއާއި ހަމަ ވިސްނުމުގެ ޒަރީޢާއިން އެހެނިހެން މަޚްލޫޤާތު ތަކުގެ މައްޗަށް މާތްކަން ދެއްވިއެވެ. އެ މާތްކަމުގެ ދަށުން އެ އިލާހުގެ މަޚްލޫޤާތު ތަކުގެ ތެރެއިން އިޚްތިޔާރު ދެއްވިގެން ވާ ބައެއް ކަމުގައި މި އިންސާނާ ލެއްވިއެވެ. ނަތިޖާއަކީ އެ އިންސާނާ ކުރާ ޢަމަލުތަކުގެ ޖަޒާ އެންމެ ޢަދުލުވެރި ވަންތަވެ ވޮޑިގެންވާ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޒުރަތުން އޭނާއަށް ލިބިގެން ދާނެކަމުގައި އެ އިލާހު މިންވަރު ކުރެއްވުމެވެ.
މި ނިކަމެތި ވެގެންވާ އިންސާނާ ނެތުމުގެ ތެރެއިން އުފެއްދެވުމަށްފަހު ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާ ދުލެއް ނުކުރައްވައެވެ. އޭނާއަށް ޙައްޤު ދެއްކެވުމަށް އެތައް އެތައް ފޮތެއް ބަވާލެއްވިއެވެ. އެހާ ހިސާބަކުންވެސް ނިންމަވައި ނުލައްވައެވެ. ރަސޫލުންނާއި ނަބީން ފޮނުއްވެވިއެވެ. ލޮބުވެތިވެގެންވާ އަޚުންނާއި އުޚްތުންނޭވެ. މަދު ޢަދަދެއް ނޫނެވެ. މި ބިންމައްޗަށް ޙައްޤު ބަޔާންކޮށްދެއްވުމަށް 124،000 (އެއް ލައްކަ ސައުވީސްހާސް) ނަބީން ފޮނުއްވުނު ކަމުގައި ޙަދީޘް ފޮތްތަކުންފެންނާން އެބަ އޮތެވެ.
މި މަޒުމޫނުގައި އަޅުގަނޑު އަލިއަޅުވާލަން މަސައްކަތް ކުރާނީ މ ހުރިހާ ނަބީންގެ ވާހަކަ އަކަށް ނޫނެވެ. އަދި ކިއެއްހެއްޔެވެ. އެ ހުރިހާ ނަބީން އެބޭކަލުންނަށް ހަމަލޮލުން ފެނިވަޑައިގެންފައި ނުވާހިނދުވެސް އެ ބޭކަލެއްގެ ނަބީކަމާއި ރަސޫލު ކަމަށް ހެކިވެވަޑައިގެންނެވި ނަބިއްޔާގެ ވާހަކައެވެ. މި އުންމަތައް ކައު ކުރެއްވި ނަބިއްޔާއެވެ. އެންމެހާ ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ނަބިއްޔާއެވެ. އާދޭހެވެ. އެއީ މުޙަންމަދުއްރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. އެކަލޭގެފާނަށް ލޯބިވުން ޙައްޤު ގޮތުގައި ލޯބިވެގެން މެނުވީ އަހަރެމެންގެ އީމާންކަމެއް ނުވެއެވެ. އެކަލޭގެފާނަށް ލޯބިވުން ޙައްޤު ގޮތުގައި ލޯބިވާނީ ކިހިނެއްތޯއެވެ. އެގޮތް ހޯއްދެވުމަށް ކުރިއަށް ވިދާޅުވަމުން ގެންދަވާށެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޙައްޤު ގޮތުގައި ލޯބިވާނީ ކިހިނެއް؟ އަދި އެ ލޯބި އޮންނަންޖެހޭ މިންވަރަކީ ކޮބާ؟
ﷲ ސުބުޙާނަހޫ ވަތަޢާލާ އެ އިލާހުގެ ރަސޫލާއަށް ލޯބި ކުރުމަކީ ކޮބައިކަން އަންގަވާދެއްވާ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައި ވެއެވެ. قُلْ إِن كُنتُمْ تُحِبُّونَ اللَّـهَ فَاتَّبِعُونِي يُحْبِبْكُمُ اللَّـهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّـهُ غَفُورٌ رَّحِيمٌ ﴿٣١﴾ (آل عمران: ٣١)
މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ﷲ ދެކެ ލޯބިވާ ކަމުގައި ވަނީނަމަ ފަހެ ތިޔަބައިމީހުން ތިމަން ކަލޭގެފާނަށް ތަބަޢަ ވާށެވެ! އޭރުން ﷲ ތިޔަބައިމީހުންދެކެ ލޯބިވެ ވޮޑިގެން ވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ، ރަހީމްވަންތަ ރަސްކަލާނގެއެވެ."
އަދިވެސް ވަޙީ ކުރެއްވިއެވެ. ......وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ وَاتَّقُوا اللَّـهَ ۖ إِنَّ اللَّـهَ شَدِيدُ الْعِقَابِ ﴿٧﴾(الحشر: ٧)
މާނައީ: "...އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ހަމަ ކަށަވަރުން ﷲ އީ ޢުޤޫބާތް ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ."
މީގެ އިތުރުން ސޫރަތުއްތައުބާގެ އަންނަނިވި އާޔަތާމެދު ފުންކޮށް ވިސްނަވާލައްވާށެވެ.
قُلْ إِن كَانَ آبَاؤُكُمْ وَأَبْنَاؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ اقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَا أَحَبَّ إِلَيْكُم مِّنَ اللَّـهِ وَرَسُولِهِ وَجِهَادٍ فِي سَبِيلِهِ فَتَرَبَّصُوا حَتَّىٰ يَأْتِيَ اللَّـهُ بِأَمْرِهِ ۗ وَاللَّـهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ﴿٢٤﴾(التوبة: ٢٤)
މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައިންބަފައިންނާއި، ދަރިންނާއި، އަޚުންނާއި، އަނބިންނާއި، ގާތްތިމާގެ މީހުންނާއި، ތިޔަބައިމީހުން ހޯދާފައިވާ މުދާތަކާއި، ގެއްލުންވެދާނެކަމަށް ތިޔަބައިމީހުން ބިރުގަންނަ ވިޔަފާރިޔާއި، ތިޔަބައިމީހުން ހިތްރުހޭ ގެދޮރާއި (މި ހުރިހައި ތަކެތި) ﷲ އާއި އެކަލާނގެ ރަސޫލާއާއި، އެކަލާނގެ މަގުގައި ޖިހާދުކުރުމަށްވުރެން، ތިޔަބައިމީހުންނަށް ލޯބިވެތި ކަމުގައި ވާނަމަ، ﷲ ގެ އަމުރުފުޅު އަތުވެއްޖައުމަށްދާންދެން ތިޔަބައިމީހުން ބަލަބަލައި ތިބޭށެވެ! ފާސިޤުވީ މީހުންނަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ."
އަދި ހަމަ އެހެންމެ އެކަލޭގެފާނަށް ޙައްޤު ގޮތުގައި ލޯބި ކޮށްފުމަށް ދާންދެން އަޅުގަނޑުމެންނަށް ޙައްޤު އީމާންވުމަކުން އީމާން ނުވެވޭނެކަން ބަޔާންކުރައްވައި ޙަދީޘްކުރައްވާފައި ވެއެވެ. "ތިޔަބައިމީހުންގެ ބައްޕައިންނާއި، ދަރީންނާއި އަދި އެންމެހާ އިންސާނުންނަށްވުރެ ބޮޑަށް ތިމަން ކަލޭގެފާނަށް ލޯބިކޮށްފުމަށް ދާންދެން ތިޔަބައި މީހުންގެ ތެރެއިން ހަމަ އެކަކުވެސް އީމާންވީކަމުގައި ނުވެއެވެ." (ބުޚާރީއާއި މުސްލިމް)
އަދިވެސް ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންގެ އަމިއްލަ ނަފްސަށްވުރެ ބޮޑަށް ތިމަންކަލޭގެފާނަށް ލޯބިކޮށްފުމަށް ދާންދެން ތިޔަބައިމީހުންގެ ތެރެއިން ހަމަ އެކަކުވެސް އީމާންވީކަމުގައި ނުވެއެވެ." (ބުޚާރީ)
ބަޔާންވެދިޔަ ދަލީލުތަކުން އެނގި ކަށަވަރުވާ ގޮތުގައި ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައަލަމަ އަށް ލޯބި ކުރުމަކީ ތިމާގެ އަމިއްލަ ނަފްސާއި، ޢާއިލާއާއި، މުދަލާއި، އަދި އެންމެހާ އިންސާނުންނާއި މުޅި ދުނިޔެއަށްވުރެ ބޮޑަށް އެކަލޭގެފާނަށް ލޯބިކުރުމެވެ. އަދި ފުރިހަމަވެގެންވާ ތަބަޢަވުމަކުން އެކަލޭގެފާނަށް ތަބަޢަވުމެވެ. އަމުރެއް ކުރައްވައިފިނަމަ ކިޔަމަން ވުމެވެ. އަދި ނަހީއެއް ކުރައްވައިފިނަމަ ދުރުހެލި ވުމެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަތިވެރި ސަޙާބީން ވެވަޑައިގެންނެވި ލޯބި
ހަމަ ކަށަވަރުންވެސް ﷲގެ ރަސޫލާދެކެ އެންމެ ބޮޑު ލޯތްބެއް ވެ ވަޑައިގެންނެވި ބަޔަކީ އެކަލޭގެފާނުގެ ސަޙާބީންނެވެ. ހިޖުރައިގެމަޝްހޫރު ޙާދިސާގައި އަބޫބަކުރުގެފާނު ދެއްކެވި މަތިވެރި ވެގެންވާ ނަމޫނާއާއި، ޢަލީގެފާނު ދެއްކެވި ނަމޫނާ މިކަން ސާބިތު ކުރުމަށް ފުދި އިތުރުވެގެން ވެއެވެ. އެބޭކަލުންގެ ހަށިކޮޅު ނުރައްކަލަށް ހުށަހެޅުއްވީ އެކަމަށް ޚުދު އަމިއްލަފުޅަށް ބޭނުންފުޅުވެ ވަޑައިގެންނެވެ. ފުރާނަފުޅަށްވެސް ބެއްލެވުމެއް ނެތިއެވެ. އެއްފަހަރަކު ޢަލީގެފާނާއި، އެކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ވެ ވަޑައިގަންނަވާ ލޯތްބާއި ބެހޭގޮތުން ސުވާލު ކުރެވުނު ހިނދު ވިދާޅުވިއެވެ. "އަހަރެމެންގެ މުދަލާއި، ދަރީންނާއި، މައިންބަފައިންނަށްވުރެ ބޮޑަށެވެ. އަދި ކަރުހިއްކައިގެން އަވަދިވެފައިވާ މީހާ ފެނަށް ލޯބިކުރާ ވަރަށް ވުރެވެސް ބޮޑަށެވެ."
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގެންނެވި ހިނދު އެއީ އަސްޙާބު ބޭކަލުންނަށް ކެތްކުރައްވަން އެންމެ ދަތިފުޅުވި ވަގުތެވެ. އެވާހަކަ ޢުމަރުގެފާނަށް އެނގިވަޑައިގަތުމުން ކަނޑި މިޔައިން ދަންމަވައިގެން ނުކުމެ ވިދާޅުވަމުން ގެންދެވިއެވެ. "ﷲގެ ރަސޫލާ ސުވަރުގެވަޑައިގެންފިކަމަށް ބުނި ކޮންމެ މީހެއްގެ ބޯ އުދުއްސަވައިލައްވާނަމެވެ." އެ އަޑު އަބޫބަކުރުގެފާނަށް އިވިވަޑައިގެންހިނދު ވިދާޅުވިއެވެ. "ރަސޫލާއަށް އަޅުކަން ކުރާ މީހަކުނަމަ ދަންނާށެވެ! ރަސޫލާ ސުވަރުގެ ވަޑައިގެންފިއެވެ. ﷲ އަށް އަޅުކަން ކުރާ މީހަކުނަމަ ދަންނާށެވެ! ﷲ އީ ދިރި ދެމިވޮޑިގެންވާ އިލާހެވެ."
ﷲގެ ރަސޫލާ އަވަހާރަވުމުން ލިބިވަޑައިގެންނެވި ބޮޑުވެގެންވާ ހިތާމައިގެ ސަބަބުން ބިލާލްގެފާނަށް މަސްޖިދުއްނަބަވީ ގައި ބަންގި ދެއްވުން ދަތިފުޅުވެގެން ދިޔައެވެ. އަދި ހިތާމައިންގޮސް މަދީނާގައި ދިރިނޫޅުއްވޭވަރު ވެގެން ދިޔައެވެ. އެހިނދު ދެން ދުވަހަކުވެސް މަދީނާއަށް ނައުމުގެ ޤަޞްދުގައި މަދީނާއިން ހިޖުރަ ކުރެއްވިއެވެ. އެހެންނަމަވެސް ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ﷲގެ ރަސޫލާގެ ޤަބުރުފުޅު އޮތް ބިމަށް ވަޑައިގަންނަވާހިތް ބޮޑުވަމުން ދިއުމުގެ ނަތީޖާއަކަށްވީ މަދީނާއަށް އެނބުރި ވަޑައިގެންނެވުމެވެ. އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މުއައްޛިނަށް ބަންގި ގޮވުން ޙަވާލުކުރެއްވުނެވެ. ލޮބުވެތި އަޚުންނާއި އުޚުތަންނޭވެ! ދެ އަހަރަށްފަހު އެކަލޭގެފާނުގެ ބަންގީގެ އަޑު ކަންފަތުގައި ޖެހުމާއެކު މަދީނާގެ އެތަންމިތަނުގައި ތިއްބެވި އަޞްޙާބު ބޭކަލުން ހުއްޓުން އަރައިގެންދިޔައެވެ. އަދި ގަދަޔަށް ކީރިތިކުރައްވާޙާލުގައި އެ ތިއްބެވި ތަނުން ގުޑާވެސް ނުލެއްވުނީއެވެ. ޚުދު ބިލާލްގެފާނަށް ބަންގި ފުރިހަމައެއް ނުކުރެއްވުނެވެ. އެ ބޭކަލުން އެކަލޭގެފާނު ދެކެ ވެވަޑައިގެންނެވި ލޯބީގެ މަތިވެރިކަމާއެވެ!
ފުރާނަ ނެތް ތަކެތިވެސް އެކަލޭގެފާނުދެކެ އިންތިހާއީ ލޯބިވެއެވެ.
§ ކަދުރު ރުއްގަނޑު
"ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚުޠުބާ ދެއްވާހިނދު ކަދުރު ރުއްގަނޑެއްގެ ކައިރީގައި ހުންނަވައެވެ. އެއްދުވަހަކު އަންޞާރިއްޔަ ބޭކަލަކު ނުވަތަ ބޭކަނބަލަކު ދެންނެވިއެވެ. "ﷲ ގެ ރަސޫލާއެވެ. ތިމަންމެން ކަލޭގެފާނަށް މިންބަރެއް ހަދައިދެންތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުން އެދޭނެމައެވެ." އެބޭކަލުން އެކަލޭގެފާނަށް މިންބަރެއް ހައްދަވައިދެއްވިއެވެ. އަދި ޖެހިގެން އައި ހުކުރުގައި އެކަލޭގެފާނު މިންބަރަށް އަރާ ވަޑައިގެންނެވިއެވެ. އެހިނދު ކަދުރު ރުއްގަނޑު ކުޑަ ކުއްޖެއް ރޯފަދައިން ބާރަށް ރޯންފެށިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިންބަރުން ފައިބާވަޑައިގެން ރުއްގަނޑުގައި ފިރުމުއްވިއެވެ. އަދި ކުޑަ ކުއްޖަކު ގިސްލާ ފަދައިން ގިސްލަމުން އޭތި ރުއިން ހުއްޓާލިއެވެ. އެ ހިނދު ޙަދީޘް ކުރެއްވިއެވެ. "އޭތި ރޯންފެށީ އޭގެ ކައިރީގައި ދެވެމުން އައި ދީނުގެ މަޢުލޫމާތު ދިނުން ބަދަލުވުމުންނެވެ." (ބުޚާރީއާއި މުސްލިމް)
§ އުޙުދު ފަރުބަދަ
އެއްދުވަހަކު ﷲގެ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) އަބޫބަކުރުގެފާނާއި ޢުޘްމާނުގެފާނާއި އެކު އުޙުދު ފަރުބަދައަށް އަރާ ވަޑައިގެންނެވުމުން ފަރުބަދަ ތެޅެންފެށިއެވެ. އެހިނދު ޙަދީޘް ކުރެއްވިއެވެ. "އޭ އުޙުދެވެ! ހަމަޖެހޭށެވެ." (ޙަދީޘްގެ ރާވީ ކަމަށްވާ އަނަސްގެފާނު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނަށް ހީފުޅުވެލައްވަނީ އެކަލޭގެފާނުގެ ފައިންޕުޅުން ފަރުބަދައިގައި ކާއްތަވާލެއްވި ހެންނެވެ.") އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. "ތިބާގެ މަތީގައި ވަނީ ނަބިއްޔަކާއި، ޞިއްދީޤަކާއި ދެ ޝަހީދުންނެވެ." (ބުޚާރީ)
އަދި އެހެން ފަހަރަކު ދަތުރު ކުރައްވަމުން ގޮސް އުޙުދު ފަރުބަދަ ފެންނަ ހިސާބަށް ވާޞިލުވެވުމުން ޙަދީޘް ކުރެއްވިއެވެ. "މިއީ އަހަރެމެންދެކެ އެ ފަރުބަދައެއް ލޯބިވާ، އަދި އަހަރެމެން އެ ދެކެ ލޯބިވާ ފަރުބަދައެވެ." (މުސްލިމް)
ލޮބުވެތިވެގެންވާ އަޚާއެވެ! ލޮބުވެތި ވެގެންވާ އުޚުތާއެވެ! މިއީ ދިރުމެއް ފުރާނައެއް ނެތް ގަސްގަނޑަކާއި ހިލަ ފަރުބަދައެއްގެ ވާހަކައެވެ. އަޅުގަނޑުމެންނީ ހިތާއި ސިކުނޑީގެ ވެރީންނެވެ. އަމިއްލަ ނަފްސާއި ސުވާލުކޮށްލައްވަވާށެވެ. އަޅުގަނޑުމެންނަށް އެކަލޭގެފާނުގެ ޙައްޤުގައި އެފަދަ ލޯތްބެއް ވެވޭތޯއެވެ؟ އެފަދަ ކިޔަމަންވުމަކުން އަޅުގަނޑުމެންނަށް ކިޔަމަން ވެވޭތޯއެވެ؟
nice one brother...is this ur work? if so, great..keeep it up
ReplyDeleteYes brother/sister, it is my own work Alhamdhulillah! JazakAllahu khairan!
ReplyDelete