ނޫސްވެރިކަމުގެ ފާހެއް ލިބުމަކީ ޙަރާމް ކުރެއްވިހާ ކަމެއް ކުރުމަށް ލިބޭ ހުއްދައެއް ނޫނެވެ.
ލިޔުއްވީ: އަލް އަޚް އާދަމް ނިޝާން (މަދީނަތުލް މުނައްވަރާގައި ކިޔަވަމުންދާ ފަޚުރުވެރި ދިވެހި އިސްލާމީ ދަރިއެއް)
ﷲ ތަޢާލާ އިންސާނާ އެންމެ ފުރިހަމަ ގޮތުގައި ހައްދަވައި، އަތް ފަޔާއި އެނޫންވެސް އެހެން ހުރިހާ ގުނަވަންތަކެއް އިންސާނާގެ ހަށިގަނޑުގައި ލައްވަވާފައިވަނީ، އެނިޢުމަތްތަކަށް ޝުކުރުވެރިވެ އެހުރިހާ ގުނަވަނަކުން އެއިލާހަށް ކިޔަމަންތެރިކަން އަދާކޮށް، ހުއްދަގޮތުގައި އެގުނަވަންތަކުން ހިތްހަމަޖެހުމާއި އުފަލާއި މަޖާ ލިބިގަތުމަށްޓަކައެވެ. އެއްވެސް ޙާލެއްގައި ޙަރާމް ޙަލާލެއް ބެލުމެއް ނެތި ހިތުހުރިހާ ގޮތަކަށް އެގުނަވަންތަކުގެ ބޭނުން ހިފުމަކަށް ނޫނެވެ.
މިއަދު އަޅުގަނޑުމެން ދިރިއުޅެމުން މިދަނީ އެކާވީސްވަނަ ޤަރުނުގައެވެ. މިހާރު އަޅުގަނޑުމެންނަށް އެކީއެކައްޗަކަށްމެ އިވެމުންދާ އަޑަކީ ކޮންމެވެސް ކަމެއްގެ މިނިވަންކަން ނުލިބިގެން ބުނެ ދައްކާ ވާހަކަތަކުގެ އަޑެވެ. ނޫސްވެރިންގެ މިނިވަން ކަމެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެވެ. އިންސާނީ ޙައްޤުތަކުގެ މިނިވަން ކަމެވެ. ޚުލާޞާކޮށް ދަންނަވަނީ ނަމަ ޑިމޮކްރަސީގެ ނަމުގައި ގޮވަމުންމިދާ ގޮވެލިފަތީގެ އަޑެވެ. ސްޓޭޖްތަކުގެ ޕޯޑިއަމް ތަކުންފެށިގެން މިގޮވުންތައް އަބަދާއަބަދު އަޅުގަނޑުމެންގެ ލޯމައްޗަށާއި ކަންފަތްތަކަށް އިއްވަމުން މިގެންދަނީ މީޑިއާގެ ކޮންމެވެސް ވަޞީލަތަކުންނެވެ. ޓީވީ ރޭޑިއޯ ޗެނަލްތަކާއި، ޗާޕްކޮށްގެން ނެރޭ ނޫސް މަޖައްލާތަކާއި އޮންލައިން ނޫސް މަޖައްލާތަކާއި ވެބްސައިޓް ތަކެވެ.
ވާހަކަ ދިގުނުކޮށް މައުޟޫއަށް އަލިއަޅުވާލާނަމެވެ. އާދެ ސައްތައިން ސައްތަ މިދީބުގެ މީޑިއާ މިއަދު މިވަނީ އެކީއެކައްޗަކަށް ވަހުޝީ ވެފައެވެ. މިހެން ދެންނެވުމަކީ ދޮގަކަށް ނުވާނެވެ. ޓީވީ ހުޅުވާލައިފިނަމަ ފެންނަމުންދާ ވިޔާނުދާ ވަހުޝީކަން ބޮޑުވެގެންވާ ފާޙިޝް ޢަމަލުތަކުގެ ސަބަބުން މުސްލިމުން ހިންގަމުންދާ ޗެނަލެކޭ ބުނަންވެސް ލަދުގަންނަހާ ވެއެވެ. ރޭޑިއޯ ހުޅުވާލައިފިނަމަ ކޮންމެވެސް މިއުޒިކަކާއި ލަވައެކެވެ. ނޫންނަމަ މޮޅެތި ނަންނަމުގައި ހިންގަމުން ގެންދާ ޕްރޮގްރާމްތަކަށް ދެޖިންސުގެ މީހުން ގުޅައިގެން ދައްކަމުންދާ ވިޔާނުދާ ހަޑި މުޑުދާރު ފާހިޝް ވާހަކަތަކެވެ. ޗާޕްކޮށްގެން ނެރޭ ނޫސްތަކަށް ބަލާލައިފިނަމަ، ޚަބަރުތަކާއި ފޮޓޯތަކުގައާއި އިޝްތިހާރު ތަކުގައި ކޮންމެވެސް ވިޔާ ނުދާ ފާހިޝް ވާހަކަތަކެއް ނުވަތަ މަންޒަރުތަކެކެވެ. އިންޓަނެޓް ނޫސް މަޖައްލާތަކާއި ވެބްސައިޓްތަކުގެ ވާހަކަ ދެއްކުމަށް ވުރެ ރަނގަޅުވާނީ ނުދެއްކުމެވެ. ފާޙިޝް މަންޒަރުތަކާއި ފޮޓޯތައް ފެތުރުމުގެ އިންތިހާއެވެ. އާދެ މުޅި މީޑިޔާ މިވަނީ ވަހުޝީ ވެފައެވެ. މިއީ ދޮގެއްތޯއެވެ؟
ހިތާމައަކީ މީޑިއާގެ މިތަންތަން ހިންގަން މިތިބެނީ އަޅުގަނޑުމެންގެ މިމުސްލިމް ދީބަށް ނިސްބަތްވާ ކޮންމެވެސް މުސްލިމް ނަމެއް ކިޔާ މީހަކަށް ނުވަތަ ބަޔަކަށް ވާކަމެވެ. މީގެން ދޭހަކޮށްދެނީ މިދާއިރާގައި އުޅޭ ގިނަ މީހުންގެ ވިސްނުމާއި ފިކުރު ހުރިގޮތެވެ. އެއްވެސް ޙާލެއްގައި މިއީ އަޅުގަނޑު މިދާއިރާގައި އުޅޭ ހުރިހާ އެންމެންނަށް ބުނާ ބަހެއް ނޫނެވެ. އެހެންނަމަވެސް ގިނަ މީހުންގެ ޙާލަކީ މިއީއެވެ.
މިގޮތުން އެންމެ ފަހުން އަޅުގަނޑުމެންނަށް 01 ޖޫން 2011 ވީ ބުދަ ދުވަހު އޮންލައިން ނޫހެއް ކަމުގައި "ސަން" ގައި ޚާއްޞަ ކަވަރޭޖެއްގެ ގޮތުގައި ޝާއިޢުކޮށްފައިވާ "އޮޕަރޭޝަން ސަންސެޓް"
މީގެ ހެއްކަކަށް ފުދެއެވެ. ނޫސްވެރިކަމުގެ ނަމުގައި ސަންގެ ނޫސްވެރިން ހިންގާފައިވާ މިއައްޔާޝީ ކަވަރޭޖުން މިވަނީ މީޑިއާގައި މަސައްކަތް ކުރާ ބަޔަކު މީހުންގެ ޙާލަތު ބަރަހަނާވެ އޮރިޔާންވެފައެވެ. އެއޮޕަރޭޝަންގެ ނަމުގައި ނާސިގެތަކަށް ދިޔަ މީހުން ސަންސެޓްވުމުން އެތަންތަނަށް ދިޔައީ ﷲ ތަޢާލާ ފަރުޟު ކުރައްވާފައި މަޣްރިބް ނަމާދު ވަޤުތުގައިކަން އެމީހުންގެ އިޢުތިރާފުން ސާފުކޮށް އެއޮތީ ފެންނާށެވެ. އަދި އެމީހުން އެތަނުގައި ފަރުޟު ނަމާދު ގަޑީގައި ކަޝްބީ އަންހެނުން ތަކާއި އެކު ތިބީ ނަމާދު ކުރަން ނޫންކަމާއި، އެހެންނަމަވެސް ނޫސްވެރިކަމުގެ ޚާއްޞަ އޮޕަރޭޝަނެއްގެ ނަމުގައި އެކަޝްބީ އަންހެނުންތަކުގެ ޙަރާމް ބީހުން ތަކުގެ މަސްތުގައި ޖެހިފައިކަން ބަޔާންކޮށްފައި އެވަނީ ހަމަ އެކަންތައްތައް ކުރި މީހުންގެ ދުލުންނާއި އަތުންނާއި ފައިންނެވެ.
މީގެ ހެއްކަކަށް ފުދެއެވެ. ނޫސްވެރިކަމުގެ ނަމުގައި ސަންގެ ނޫސްވެރިން ހިންގާފައިވާ މިއައްޔާޝީ ކަވަރޭޖުން މިވަނީ މީޑިއާގައި މަސައްކަތް ކުރާ ބަޔަކު މީހުންގެ ޙާލަތު ބަރަހަނާވެ އޮރިޔާންވެފައެވެ. އެއޮޕަރޭޝަންގެ ނަމުގައި ނާސިގެތަކަށް ދިޔަ މީހުން ސަންސެޓްވުމުން އެތަންތަނަށް ދިޔައީ ﷲ ތަޢާލާ ފަރުޟު ކުރައްވާފައި މަޣްރިބް ނަމާދު ވަޤުތުގައިކަން އެމީހުންގެ އިޢުތިރާފުން ސާފުކޮށް އެއޮތީ ފެންނާށެވެ. އަދި އެމީހުން އެތަނުގައި ފަރުޟު ނަމާދު ގަޑީގައި ކަޝްބީ އަންހެނުން ތަކާއި އެކު ތިބީ ނަމާދު ކުރަން ނޫންކަމާއި، އެހެންނަމަވެސް ނޫސްވެރިކަމުގެ ޚާއްޞަ އޮޕަރޭޝަނެއްގެ ނަމުގައި އެކަޝްބީ އަންހެނުންތަކުގެ ޙަރާމް ބީހުން ތަކުގެ މަސްތުގައި ޖެހިފައިކަން ބަޔާންކޮށްފައި އެވަނީ ހަމަ އެކަންތައްތައް ކުރި މީހުންގެ ދުލުންނާއި އަތުންނާއި ފައިންނެވެ.
"ސަންގެ ނޫސްވެރިން މާލޭގެ ނާސިގެތަކަށް" - "ކަޝްބީ އަންހެނަކާއި އެކު އަހަރެން ނާސި ގޭގައި" - "މަސާޖް ޕާލާތަކުގައި ހަށިވިއްކާ މަންޒަރު އަހަރެންގެ ލޮލުންދެކެ އަތުން ހިފާފައި"، އާދެ މިއީ ނޫސްވެރިންތަކެއް އެމީހުން އެހިންގި ވިޔާ ނުދާ ފާހިޝް ޢަމަލާއި މެދު ފަޚުރުވެރިވެ ޚަބަރުގެ ގޮތުގައި ލިޔެ ބޮޑު ސުރުޚީތަކުގައި ލިޔެފައިވާ ލިޔުންތަކެވެ. މިލިޔުންތަކުން ތިމާމެން އެވިޔާނުދާ ޢަމަލު ހިންގިކަން ފަޟީޙަތް ވުން ނޫންކަމެއް ނެތެވެ. އަދި ކިއެއްހެއްޔެވެ. މިވަނީ އެކަމަށް އަމިއްލަ އިޢުތިރާފުވެ ބޭޒާރުވެފައެވެ.
މީހުންގެ ފަތިފުށް ވަންހަނާކޮށް ޢާއްމު ކުރުމުގައި އަވަދިނެތި ހޭބޯ ނާރާ އުޅޭ ބަޔަކު، އާދެ އެހެން މީހުންނާއި ދިމާލަށް ގުދޯގުދޯ ގޮވާއިރު ތިމާމެންގެ އޮތް ގުދު އަމިއްލައަށް މިބޭޒާރުކޮށް ފަޟީޙަތްކޮށްލެވުނީއެވެ. ހިތާމައަކީ ނޫސްވެރިންގެ ޖަމްޢިއްޔާތަކުގެ އިސްވެރިން، އިސް މަޤާމުތަކުގައި ތިބޭ މިފަދަ ނޫސްތަކުގައި ދީނާއި ޤާނޫނާއި ނޫސްވެރިންގެ އަދަބު އަޚްލާޤާއި (އެތިކްސް އެންޑް ކޮންޑަކްޓް) އާއި ޚިލާފު މިފަދަ ވާހަކަތައް، ފަޚުރުވެރިކަމާއިއެކު ޝާއިޢު ކުރުމުން ދާކަމެވެ. އަދި ހަމަ އެހެންމެ ކަމާއި ބެހޭ ސަރުކާރުގެ އެއްވެސް އިދާރާއަކުންވެސް މިފަދަ ނޫސް މަޖައްލާތަކާއި މިކަން ކުރަމުންދާ މީސްމީހުންނާއި މެދު ފިޔަވަޅު އަޅަމުން ނުދާކަމެވެ.
ނޫސްވެރިކަމުގެ ފާހެއް ލިބުމަކީ، އެކިއެކި މިޝަންތަކާއި އޮޕަރޭޝަންތަކުގެ ނަމުގައި ﷲ ތަޢާލާ ޙަރާމް ކުރައްވާ ނަހީ ކުރައްވާފައިވާ ކަންތައްތަކަށް އަރައިގަތުމަށް ލިބޭ ހުއްދައެއް ނޫނެވެ. އަދި އެކަންތައްތައް ރީތިކޮށް ޒީނަތްތެރިކޮށް ފަޚުރުވެރިވެ މީސްތަކުންގެ ތެރޭގައި ފަތުރަން ލިބޭ ހުއްދައެއްވެސް ނޫނެވެ. އަދި އެއީ ތިިމާގެ ޢަމަލުތަކުގެ ފަތް ނުލިޔެވި އުފުލިގެން ދާނޭ ސަބަބެއްވެސް ނޫނެވެ.
މިފަދަ ފާހިޝް ވިޔާނުދާ ހަޑިމުޑުދާރު ޢަމަލުތައް ހިންގައި، އެވާހަކަތައް ފަޚުރުވެރިކަމާއި އެކީ ފަތުރާ ޢާއްމު ކުރާ މީހުން، ﷲ ތަޢާލާ އެމީހުންގެ ޢަމަލުތައް ބައްލަވާ ވޮޑިގެންވާކަން ނުދަންނަނީ ހެއްޔެވެ؟ އެމީހުން އެއަރައިގަތް ޙަރާމް ކަންތަކަށް ﷲ ތަޢާލާ ޢަޛާބު ނުދެއްވާނޭ ކަމަށް ހީކުރަނީ ހެއްޔެވެ؟
އިންސާނާ ކުރާ ކޮންމެ ޢަމަލެއްވެސް ލިޔެވިގެންވޭ.
ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.
"إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَئِكَ كَانَ عَنْهُ مَسْؤُولاً" (الإسراء: 36)
" ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު سؤال ކުރެވޭނޭ ކަންކަމެވެ."
އަދިވެސް ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
"مَا يَلْفِظُ مِنْ قَوْلٍ إِلاَّ لَدَيْهِ رَقِيبٌ عَتِيدٌ" (قّ:18)
"ކުރާ عملތައް ބަލަހައްޓަވާ ލިޔުއްވުމައްޓަކައި އޭނާގެ ކައިރީގައި ملائكة އަކު ވަޑައިގެންވާ ޙާލުގައި މެނުވީ، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ."
ޒިނޭ ކުރުމުގެ ނުބައިކަން.
އާދެ ދެން މިފަދަ ފާފަތަކަށް އަރައިގަތުމުގެ ނުބައިކަމުގެ މައްޗަށް ބަލާލަމާތޯއެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި މުއުމިނުންގެ ސިފަތައް ބަޔާން ކުރައްވަވައި، އެބައިމީހުންނަކީ އެންމެހައި ބޮޑެތިވެގެންވާ ފާފަތަކުން ދުރުހެލިވެގެންވާ ބައެއް ކަމުގައި ބަޔާންކުރައްވައި، އަދި އެފާފަތައް ކުރާ ބަޔަކަށް ގަދަފަދަ ޢަޛާބު ވާކަން ބަޔާން ކުރައްވަވާ ވަޙީ ކުރައްވާފައިވެއެވެ.
"وَالَّذِينَ لا يَدْعُونَ مَعَ اللَّهِ إِلَهاً آخَرَ وَلا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلاَّ بِالْحَقِّ وَلا يَزْنُونَ وَمَنْ يَفْعَلْ ذَلِكَ يَلْقَ أَثَاماً(* )يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَاناً" (الفرقان:68-69)
"އެއުރެންނީ اللَّه އާއެކު އެހެން إله އަކަށް އަޅުކަންކޮށް ނަހަދާމީހުންނެވެ. އަދި اللَّه، حرمةތެރި ކުރައްވާފައިވާ نفسއެއް، حقّ ގޮތުންނޫނީ، ނުމަރާ މީހުންނެވެ. އަދި ޒިނޭނުކުރާ މީހުންނެވެ. އެއިން ކަމެއްކޮށްފިމީހާ (އެކަމުގެ) عقوباتއާ ބައްދަލުކުރާނެތެވެ. އެމީހަކަށް قيامة ދުވަހުން عذاب ގިނަގުނަ ކުރައްވާހުށްޓެވެ. އަދި އިހާނެތިކަން ލިބިގެންވާ حال އެ عذابގެ ތެރޭގައި، އެމީހަކު ދެމިހުންނާނެތެވެ."
މިއާޔަތުގައި ﷲ ތަޢާލާ ޒިނޭގެ އެނުބައި ޢަމަލު، ބަޔާން ކުރައްވާފައި އެވަނީ އެއިލާހަށް ޝިރުކު ކުރުމާއި މީހުން މެރުމާއި އެކުގައެވެ. އެހެންކަމުން މީގެން ދޭހަވަނީ ﷲ އަށް ޝިރުކު ކުރުމާއި މީހުން މެރުމާއި ޒިނޭ ކުރުމުގެ ފާފައަކީ ﷲ ގެ ޙަޟްރަތުގައި އެންމެ ބޮޑުވެގެންވާ ފާފަތައް ކަމެވެ.
ތަނެއްގައި ބަޔަކު ޒިނޭ ކުރޭތޯ ބަލަން އެތަންތަނަށް ގޮސް ތިމާވެސް ޒިނޭ ކުރުމާއި ތަނެއްގައި ބަޔަކު ﷲ އަށް ޝިރުކު ކުރޭތޯ ބަލަން ތިމާވެސް ބުދަށް ސަޖިދަ ޖަހައި އެނޫންވެސް ދެން ހުރި ޝިރުކުގެ ޢަމަލެއް ކުރަންވީހެއްޔެވެ؟ އަދި ހަމައެގޮތަށް ރާއްޖޭގައި މާރާމާރީ ޢާއްމުވެ، މީހުންނަށް ތޫނު ހަތިޔާރުން ހަމަލާދީ މެރުމާއި ޒިނޭކޮށްގެން ރަށްމެދަށް ވިހާ ތުއްތު ކުދިން މެރުން ޢާއްމުވެފައިވާއިރު، މިކަންކަން ކުރޭތޯ ބަލަން ތިމާވެސް ނޫސްވެރިޔަކަށް ވީމާ އެކަންކަން ކުރަންވީ ހެއްޔެވެ؟ ﷲ ތަޢާލާ އިންސާނާއަށް ބުއްދި ދެއްވަވާފައިވަނީވެސް ކަމަކުއެވެ.
ފާޙިޝް ކަންތައް ފެތުރުމުގެ ނުބައިކަން.
ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.
"إِنَّ الَّذِينَ يُحِبُّونَ أَنْ تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالآخِرَةِ" (النور: 19)
"ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުއްޓެވެ."
رسول الله صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅެއްގައި އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވާފައެވެ.
قال رسول الله صلى الله عليه وسلم: "إِنَّ الرَّجُلَ لَيَتَكَلَّمُ بِالكَلِمَةِ لاَ يَرَى بِهَا بَأْسًا يَهْوِي بِهَا سَبْعِينَ خَرِيفًا فِي النَّارِ" (رواه الترمذي: 2314).
މާނައަކީ: "ހަމަކަށަވަރުން މީހަކު، މާބޮޑު ކަމެއް ކަމެއްކަމުގައި ނުދެކި ބުނެލާ ކަލިމައެއް (ނުވަތަ ބަހެއްގެ) ސަބަބުން ހަތްދިހަ (70) އަހަރުވަންދެން އެމީހަކު ނަރަކައަށް ވެއްޓިވެއްޓި އޮންނަން ޖެހިދާނެއެވެ."
އާދެ ފާހިޝް ކަންތައްތަކުގެ މަންޒަރުކާއި ވާހަކަތައް، ނޫސް މަޖައްލާތަކާއި، ވެބްސައިޓްތަކާއި ޓީވީ ރޭޑިއޯ ތަކުން ފޮނުވާ ހަދާ މީހުން އެކުރާ ކަންތަކުގެ ނުބައިކަންތައް މަގެއްގެ މަތީގައި މީހަކު ކުރާ ނުބައި ކަމަކަށް ވުރެ ބޮޑުވެގެން ވެއެވެ. އެހެނީ މަގެއްގެ މަތީގައި މީހަކު ކުރާ ނުބައިކަމެއް ފެންނާނީ އެވަގުތު އެތަނުގައި ތިބި ބަޔަކަށް އެކަންޏެވެ. އެހެންނަމަވެސް މީޑިއާގެ އެކިއެކި ވަޞީލަތްތަކުން މިކަންކަން ފަތުރާ ހަދާ މީހުން، އެކުރާ ފާފައިގެ ސަބަބުން އެކަކަމަކީ މުޅި ޢުމުރަށް ރައްކާކުރެވި، މީސްތަކުން އެނުބައި ކަންކަން ބަލާ އަޑުއަހައި އެކަންކަމަށް އަރައިގަތުމަށް މަގު ފަހިވެގެންދާ ކަންކަމެވެ.
ފާޙިޝް ކަންތައް ކޮށް އެކަންތަކާ ފަޚުރުވެރިވެ އެވާހަކަތައް މީހުންގާތު ދެއްކުމުގެ ނުބައިކަން.
ބައެއް މީހުން ތިމާމެން ކޮށްއުޅޭ ފާޙިޝް ވިޔާނުދާ ހަޑިމުޑުދާރު ކަންކަމުގެ ވާހަކަ، ވަރަށް ފަޚުރުވެރިވެލާފައި، ވަރަށް ފޮނިވެލާފައި މީހުން ގާތު ދައްކައި އުޅެއެވެ. ފަހެ މިއީ ކިހާ ނުރައްކާ ކަމެއްކަން ހަމަ އެމީސްމީހުންނަށް ނޭނގެނީ ބާއެވެ؟
ކީރިތި ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ.
"كُلُّ أُمَّتِي مُعَافًى إِلاَّ الْمُجَاهِرِينَ وَإِنَّ مِنْ الْمُجَاهَرَةِ أَنْ يَعْمَلَ الرَّجُلُ بِاللَّيْلِ عَمَلا ثُمَّ يُصْبِحَ وَقَدْ سَتَرَهُ اللَّهُ عَلَيْهِ فَيَقُولَ يَا فُلانُ عَمِلْتُ الْبَارِحَةَ كَذَا وَكَذَا وَقَدْ بَاتَ يَسْتُرُهُ رَبُّهُ وَيُصْبِحُ يَكْشِفُ سِتْرَ اللَّهِ عَنْهُ" (رواه البخاري)
މާނައީ: "ތިމަންކަލޭގެ ފާނުގެ އުންމަތުގެ ތެރެއިން، ތިމާ ކުރާ ފާފަތައް ފާޅުކޮށް އިޢުލާނުކުރާ މީހުން ނޫން އެެހެން އެންމެންނަކީ ޢަފޫ ލިބެނިވި ބައެކެވެ. މީހަކު ރޭގަނޑުގައި ކުރާ ނުބައިކަމެއް ﷲ ތަޢާލާ ސިއްރު ކޮށްދެއްވާފައި ވަނިކޮށް، ހެނދުނު ވުމުން އޭނާ އެހެން މީހެއް ގާތު، އޭ އެވެނި މީހާއޭ، ތިމަން ރޭގައި މިވެނި އެވެނި ކަމެއް ކުރީމޭ ކިޔައި އުޅުމަކީ ހަމަކަށަވަރުން ފާފަތައް ފާޅުކޮށް އިޢުލާނުކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އޭނާ ރޭގަނޑު ނިދީ އޭނާ ކުރި ނުބައި ކަންތައް އޭނާގެ ރައްބު ސިއްރުކޮށްދެއްވަވާ ފޮރުއްވަވާ ދެއްވާފައި ވަނިކޮށެވެ. އެހެނެއްކަމަކު އޭނާ ހެނދުނުވުމުން، ﷲ ތަޢާލާ އޭނާގެ ސިއްރުކޮށްދެއްވަވާ ފޮރުއްވަވާ ދެއްވާފައިވާ އެކަންތައް، އަމިއްލައަށް ބޭޒާރުކޮށް ފަޅާއަރުވާލައެވެ."
އާދެ މީހާ މިގޮތަށް ކުރާ ފާޙިޝް އަދި ޙަރާމް ކަންތައްތަކާއިމެދު ފަޚުރުވެރިވެ އެވާހަކަތައް ދައްކާ އުޅުމަކީ އެމީހަކު ދީނުންވެސް ބޭރުވެގެން ހިނގައިދާނޭ ވަރުގެ ކަމެކެވެ. މިކަން ބަޔާން ކުރައްވަވާ އިސްލާމީ އުންމަތުގެ މިފަހު އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ އެއް ބޭކަލަކު ކަމުގައިވާ، އައްޝައިޚް މުޙައްމަދު ޞާލިޙުލް ޢުޘައިމީން، އިމާމް އައްނަވަވީގެ މަޝްހޫރު ފޮތް ރިޔާޟުއް ޞާލިޙީންގެ ޝަރަޙައިގައި، މަތީގައި ބަޔާން ކުރެވިފައިވާ ޙަދީޘްގެ ޝަރަހައިގާ ބަޔާން ކުރައްވާފައިވެއެވެ.
"(އޭގެ ތެރޭގައި) ތިންވަނަ ބައެއްވެސް ވެއެވެ. އެއީ ފާސިޤު ނުބައިނުލަފާ، ޙަޔާތް ކުޑަ މީހުންނެވެ. އެމީހުން ޒިނޭ ކުރިކަމުގެ ވާހަކަ ފަޚުރުވެރިކަމާއި އެކު ދައްކާއުޅެތެވެ. (އެކަމުގެ ހުރި ނުބައިކަމެއްގެ ބޮޑުކަމާއެވެ.) ﷲ ތަޢާލާ އަހަރެމެން އެކަމުން ރައްކާތެރިކޮށްދެއްވާންދޭވެ. އެމީހުން ފަޚުރުވެރި ކަމާއިއެކު ބުނެ އުޅެތެވެ. އޭނާ މިވެނި މީހެއްގެ އެވެނި މީހެއްގެ ރަށަށް ނުވަތަ ޤައުމަށް ދިޔައެވެ. އޭނާ އެތަނަށްގޮސް އެތައް އަންހެނުންނަކާއި އެކު ޒިނޭގެ އެފާޙިޝް ޢަމަލު ހިންގިއެވެ. މިފަދަ މީހުންނަށް ތައުބާވެ (ދީނަށް އެނބުރި ރުޖޫޢަވުމަށް) އެންގުން ވާޖިބު ވެގެން ވެއެވެ. ތައުބާ ވެއްޖެއްޔާ ރަނގަޅެވެ. އެހެން ނޫންނަމަ އޭނާ ޤަތުލު ކުރެވޭ ހުއްޓެވެ. އެހެނީ އޭނާ ޒިނޭކުރި ކަމަށް އެފަޚުރުވެރިވާ ޙާލުގައި އޭނާ ޒިނޭ ކުރުން އެހުއްދަ ކުރަނީއެވެ. (އެކަމުގެ ހުރި ނުބައިކަމެއްގެ ބޮޑުކަމާއެވެ.) ﷲ ތަޢާލާ އަހަރެމެން އެކަމުން ރައްކާތެރިކޮށްދެއްވާންދޭވެ. ހަމަކަށަވަރުން ޒިނޭ ހުއްދަކޮށްފި މީހަކީ ކާފަރުވެފައިވާ މީހެކެވެ." (شرح رياض الصالحين للشيخ عثيمين:1 / 116)
ނިންމުން.
ނިންމާލުމުގެ ގޮތުން އަޅުގަނޑު އެންމެ ފުރަތަމަ ގޮވާލަންބޭނުންވަނީ، ނޫސްވެރި ކަމުގެ ނަމުގައި މިފާޙިޝް ޢަމަލު ހިންގި މީހުން މިކަމަށް ތަޢުބާވުމަށެވެ. އެއަށްފަހު "ސަން" އޮންލައިން ނޫހުގެ މަސްޢޫލުވެރިންނަށް ދަންނަވަން ބޭނުމީ ވީހާވެސް އަވަހަކަށް މިފާޙިޝް ޢަމަލުތައް ލިޔެވިފައިވާ ލިޔުންތައް ޝާއިޢު ކުރުން ހުއްޓާލާ އެލިޔުމާއި އެނޫންވެސް އެކަމާއި ގުޅޭ އެހެނިހެން ތަކެތި ވަގުތުން ނައްތާލުމަށެވެ. ދެން އެއަށްފަހު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަން އޮތީ، އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނު އަސާސީއާއި ޚިލާފު ޢަމަލުތައް ހިންގައި ޝާއިޢު ކުރަމުންދާ ނޫސް މަޖައްލާތަކާއިމެދު ފިޔަވަޅު އަޅައި، އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ މިފަދަ ޢަމަލުތައް ހިންގަމުންދާ ފަރާތްތައް ހިފާ ހައްޔަރުކޮށް، އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައި އޮތް އަދަބު ދިނުމަށް އަވަސްވެގަތުމަށެވެ. އެހެން ނޫންނަމަ އެކިއެކި ނަންނަމުގައި ތިބެ، ނިވާފަތްގަނޑެއްގެ ގޮތުގައި އެކަންކަން ހަދައިގެން އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކާއި ޖަރީމާތައް ހިންގުން މިހާރަށްވުރެވެސް ބޮޑަށް ޢާއްމުވެގެން ހިނގައިދާނެއެވެ. އަދި އޭގެ ސަބަބުން އަޅުގަނޑުމެންގެ މައްޗަށް ކޯފާއެއް އައުމަކީ ދުރުކަމެއް ނޫނެވެ.
އަދި އިންޒާރުކޮށް ދިވެހި ސަރުކާރުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ. ޒިނޭގެ ފާޙިޝް ޢަމަލުތައް ހިންގަމުން މިގެންދާ ނާސިގެ ތަކާއި އެކަންތައްތައް ކުރަމުންދާ މީހުން ހިފާ ހައްޔަރު ނުކޮށް އެކަށީގެންވާ އަދަބު ނުދީފިނަމަ، ރައްޔިތުން އެކަންކަން ހުއްޓުވަން ނިކުތުން އެކަށީގެންވެއެވެ. ތާރީޚަށް ނަޒަރު ހިންގާލައިފިނަމަ މިއީ ދުނިޔެ ދައްކާ ޙަޤީޤަތްކަން އެނގިގެންދާނެއެވެ. ދަންނާށެވެ. މުސްލިމު ޤައުމުތަކުގައި މިފަދަ ފާޙިޝް މުންކަރާތްތައް ހިންގާ ތަންތަނުގައި ހަމަނުޖެހުންތައް އުފެދި އެނޫންވެސް އެފަދަ ކަންތައްތައް ގިނަފަހަރަށް ހިނގަނީ އެޤައުމެއްގެ ކަމާބެހޭ ފަރާތްތަކުން އެފަދަ ކަންކަމާއި ތަންތަނާއިމެދު ފިޔަވަޅު ނާޅައި އެކަން ކުރުމަށް ދޫކޮށްލާފައި އޮތުމުގެ ސަބަބުންނެވެ. އަޅުގަނޑު މިދަންނަވަނީ އެފަދަ ކަމެއް ބަޔަކު ކުރާނެއެކޭ އެއް ނޫނެވެ. އެހެންނަމަވެސް މިފަދަ ކަންތައްތައް ހިނގާގޮތާއި މެދު ތާރީޚުން އަޅުގަނޑުމެނަށް ފެނިފައިވާ ކަންކަމުން ޢިބްރަތް ލިބިގަންނަން ޖެހެއެވެ. އަޅުގަނޑުމެންގެ ޤައުމުގައި މިހާރުވެސް އެކިއެކި ޖަރީމާތައް ހިންގުން ޢާއްމުވެފައިވާއިރު، އެފަދަ ކަމެއް ހިނގުމަށް ނޭދޭކަމުގައިވާނަމަ މިކަންކަން ވަގުތުން ހުއްޓުވައި އެކަންކަން ހިންގާ އެކަންކަން ކޮށްއުޅޭ މީހުންނަށް އިސްލާމީ ޝަރީޢަތުގައިވާ އަދަބު ދިނުމަށް އަވަސްވެގަންނާށެވެ. ﷲ ތަޢާލާގެ ދީނުގައި ބަޔާންވެފައިވާ ގޮތަށް ޢަމަލުކޮށްގެން މެނުވީ ކާމިޔާބާއި ފަލާޙަކީ ލިބޭނެ އެއްޗެއް ނޫނެވެ.
-ނިމުނީ-
އަޞްލު ނެގީ: ލާމުއެޓޯލް.ކޮމް
No comments:
Post a Comment
Please use a friendly language for commenting.